އޭޕްރިލް 24, 2025

ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ ވެސް އިސްތިއުފާ ދެއްވައިފި

ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ހާއްސަކޮށްގެން މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑް މެންބަރެއްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން މިއަދު ބުނީ، އޭނާ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ އިއްޔެ ކަމަށެވެ. އެހެންވެ އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.

މީގެ ކުރިން މީރާގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލްގެ މަގާމު އަދާކުރެއްވި އަހުމަދު އަލީ ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑް މެންބަރު ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އޭނާއަކީ އެ ބޭންކުގެ ބޯޑް މެންބަރު ކަމަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ އެވެ. އަހުމަދު އަލީ އިސްތިއުފާ ދެއްވި އިރު، އޭނާ އެ މަގާމުގައި މިވީ އަދި އަށް މަސް ދުވަހެވެ. އަދި އެ ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.

ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައި ވަނީ މޭމަހުގެ 16ވަނަ ދުވަހު އެވެ.