ސެޕްޓެމްބަރ 16, 2025

ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ ރުފިޔާގެ ޖޫރިމަނާއެއް!

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް، ޓޫރިސްޓުން ގޮވައިގެން ސޮނެވާފުށި ރިސޯޓުގެ މުވައްޒަފުންތަކެއް ގޮސް އެ ތަނުގައި އަލިފާން ރޯކޮށް، އަލިފާން ގެންގުޅުމުން އެ ރިސޯޓު 448,375 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ، ޖުމުލަ 10 މީހުން ހިމެނޭ އެ ގްރޫޕުން ނެލިވަރަށް ގޮސްފައިވަނީ 18 ޑިސެމްބަރު 2024 ގައި ކަމަށާއި އެ ގްރޫޕުން އެތަނަށް ދިޔައިރު އެއީ ހިމާޔަތް ކޮށްފައިވާ ތަނެއް ކަމާއި އެތަނަށްދާ ނަމަ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުން ހުއްދަ ހޯދަންވާނެކަން އަންގައި 11 ޖޫން 2024 ގައި ސޮނެވާފުއްޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ނަމަވެސް އެ އެންގުމާ ހިލާފުވެ ސޮނެވާފުށި ރިސޯޓުން ނެލިވަރު ފިނޮޅަށް ގޮސް ގަވާއިދާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. ގަވާއިދާ ހިލާފަށް ކުރި ކަންތައްތައް:

  • ރޭގަނޑު ފިނޮޅު ދިއްލުން
  • ފިނޮޅުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަ ކުރުން
  • އަލިފާން ރޯކުރުމާއި އަލިފާން ގެންގުޅުން
  • ގަވާއިދާ ހިލާފަށް ނެލިވަރަށް ފިނޮޅަށް އެ މީހުން އަރައިގެން އުޅޭތީ އެތަން ދޫކޮށް ދިއުމަށް އެންގި އެންގުމަށް ހިލާފުވުން

އީޕީއޭ އިން ބުނީ ސޮނެވާފުށި ރިސޯޓުން އެކަންކަމަށް އިއުތިރާވެފައިވާ ކަމަށެވެ. އެހެންވެ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ އިތުރުން އީޕީއޭގެ އިއުލާނަކާއި ހިލާފުވެފައިވާތީ އެ ރިސޯޓު މިދިޔަ ބުދަ ދުވަހު 448,375 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.