ފުށިދިއްގަރުފަޅު ހިއްކައިގެން ”ރަސްމާލެ“ ގެ ނަމުގައި މުޅިން އާ ސަހަރެއް ބިނާކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކުނީ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ 10 ޕަސެންޓް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ އަދި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023 ގައެވެ. އެއީ މީގެ 1 އަހަރާއި 4 މަސް ކުރިންނެވެ. އެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކަން ހަމަޖެހިފައިވެ އެވެ.
އެޗްޑީސީން މިއަދު ބުނީ، ރަސްމާލެ މަޝްރޫއުގެ ދަށުން 13 އޭޕްރިލް 2025ގެ ނިޔަލަށް ޖުމުލަ 101 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއީ ހުޅުމާލެ އެއްވަނަ ފިޔަވަހީގެ ދެބައިކުޅާ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ.
އެއީ އެ މަޝްރޫއުގެ ބިން ހިއްކަން ފުރަތަމަ ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ ހަވާލުކޮށްގެން ހިއްކި ސައިޓް ޖޭގެ 29 ހެކްޓަރު ބިމާއި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއާ ހަވާލުކޮށްފައިވާ ސައިޓް ޑީ،އެފް،ޖީ އަދި އެލްގެ 378 ހެކްޓަރުގެ ތެރެއިން 72 ހެކްޓަރުގެ ބިމެވެ.
އެޗްޑީސީން ބުނީ، ބިން ހިއްކުމުގެ މަޝްރޫއު އާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށް ކަމަށްވެސް ބުންޏެވެ. އެހެންކަމުން މިއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުސްކޮށް ހިއްކާ ރަށެކެވެ.




2 Comments
ގުޅުންހުރި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް