އަދާލަތުގެ ރައީސްގެ މަގާމަށް ވާދަކުރާނަން، ކެބިނެޓުން އިސްތިއުފާ ނުދެއްވާނަން: ޝަހީމް

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށާއި އަދި ކެބިނެޓުން އިސްތިއުފާވެސް ނުދެއްވާނެ ކަމަށް އިސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެކްސްގައި އިއްޔެކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ޝަހީމް ނިންމަވާފައި ވަނީ ކެބިނެޓުން ވަކިވުމަށްފަހު ކަމަށް ވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

”ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،“ އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޕޯސްޓަށް ރައްދު ދެއްވައި ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތުގެ ރައީސް ކަމަށް އިންތިހާބުވެއްޖެނަމަ އެ ޕާޓީގެ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީއާއެއިގެން ކުރިއަށްދާނެ ކަމަށެވެ.

“އަދާލަތުގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރާކަށް ނުޖެހޭނެ” ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އަދާލަތު ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ.

ޝަހީމް އެ ފަހަރު ޕާޓީން ވަކިވެވަޑައިގެންނެވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން ޝަހީމް ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށް ވަޑައިގެންފަ އެވެ.