ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް

އެއްވެސް ޒިންމާދާރުކަމެއް ނެތި ލިޔުންތެރިން ލިޔަމުންދާ ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ލިޔުންތެރިންގެ ދައުރު ފުޅާވަމުންދާއިރު ލިޔުންތެރިންނަކީ ޒިންމާދާރު ބަޔަކަށްވުން މުހިންމު ކަމަށެވެ.

”ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ،“ ރައީސް ވިދާޅުވި އެވެ.

ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ގައުމެއްގައި ނިސްބަތުން ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ފަރުދީ، މަދަނީ އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތައުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައި ވެސް ލިޔުންތެރީން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

އެމަނިކުފާނުގެ ހިތޯބުގައި ވަނީ ދިވެހި ގައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ހިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވައިފަ އެވެ.