މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އަދި މޯދީ މަރުހަބާ ދެންނެވުމުގެ ގޮތުން ކެބިނެޓް މިނިސްޓަރުން ވަނީ ވަޑައިގެންފައެވެ.

މޯދީ ރާއްޖެ ވަޑައިގަތީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

”މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ.“ ރައީސް އޮފީހުން ބުންޏެވެ.

މިއީ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގަންނަވާ އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.