އުފަލުން ފުރިފައިވާ ހިތަކާއެކު އަހަރެން ގޮސް މަންމަގެ ގައިގައި ބާރަށް ބައްދާލީމެވެ. މަންމަވެސް އަހަރެން ފެނުމުން އުފަލުން ބައްދާލާނެކަމުގެ ޔަގީންކަމާއެކުއެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫނެވެ. އުންމީދެއް ކޮށްގެން ހުރި ގޮތާ ދިމާ އިދިކޮޅަށެވެ. އަހަރެންގެ މަންމަ އަހަރެންގެ އަތުތެރެއިން ދެމިގަތެވެ. ބިރެއް ފެނުނު ފަދައިން ތެޅެގަތުމަށް ފަހު އެވެ.
”ތީ ކާކު؟“
މަންމަގެ މި ސުވާލުން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. އަހަރެންގެ ހިތް ކުދިކުދި ކޮށްލިއެވެ. ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަނދާނެ ގޮތް ހުސްވެފައެވެ. ބީރައްޓެއްސަކަށް ބަލާފަދަ ނަޒަރަކުން އަހަރެންގެ ލޯބިވާ މަންމަ އަހަންނާ ދިމާއަށް ބަލަމުންދިޔައެވެ. އެ ހިނދު އަހަރެންގެ ލޯކުރިމަތީގައި މާޒީގެ ސަފުހާތައް އުކެން ފެށިއެވެ.
އަހަންނަކީ ބައްޕަ ނެތް ޔަތީމެކެވެ. ރާއްޖެތެރޭގެ ކުޑަކުޑަ ރަށަކަށް ނިސްބަތްވާ ފަގީރު އަންހެނެއްގެ ދަރިއެކެވެ. ދިރިއުޅެމުން ދިޔައީ ހިރިގަލުން ހަދާފައިވާ ބާގެގަނޑެއްގައެވެ. އަހަރެމެން ދެމައިން ކައިބޮއެ އުޅުނީ ވަރަށް ހާލުންނެވެ. ގޭގެއަށް ގޮސް ނޯކަރީ ކޮށްދީގެންނެވެ. ލިބޭ ކުޑަކުޑަ އެއްޗަކުން ގިނަ ފަހަރަށް ތިންއިރު ކައިގެން ތިބެނީ މަދު ފަހަރެއްގައެވެ. އެކަމަށް ހަމްދުކުރަމެވެ. އަހަރެންގެ މި ހިތްދަތި ދިރިއުޅުން ބަދަލުކޮށްލީ ރަށަށް އެރި އަހުމަދު ނަމަކަށް ކިޔާ ބީރައްޓެއްސެކެވެ. އެއީ މާލޭގެ ގެދޮރުވެރިއެކެވެ.
އަހުމަދު ރަށަށް ކުރި ޗުއްތީ ދަތުރުގެ ތެރެއިން އޭނާގެ ހިތް ދޫވީ އަހަރެންގެ މަންމަގެ ރީތިކަމާއި ހިތްހެޔޮ ކަމަށެވެ. މާގިނަ ދުވަހެއް ނުވެ މަންމައާ ކައިވެނި ކުރުމަށް އަހުމަދު ހުށަހެޅި އެވެ. އޭރު އަހަރެންގެ އުމުރަކީ އެންމެ ނުވަ އަހަރެވެ. ބައްޕައެއްގެ ލޯތްބަށް އެންމެ އެދިއެދި ހުރި އުމުރެވެ. އެ ބީރައްޓެހި ފިރިހެން މީހާގެ އޯގާތެރިކަން ފެނި އެ ހުށަހެޅުން ގަބޫލުކުރުމަށް އެދި މަންމަގެ ގާތުގައި ރޮއި އާދޭސް ކުރީވެސް ހުދު އަހަންނެވެ. ރަށުގައި ދިރިއުޅޭ އެހެން މީހުން އެކަމަށް ނުރުހުމާއި މަލާމާތުގެ ބަސްތައް ރައްދު ކުރި ނަމަވެސް ހަމައެކަނި ހުރި ދަރިފުޅުގެ ހައްގުގައި މަންމަ ނިންމީ އަހުމަދާ ކައިވެނި ކުރުމަށެވެ. އެއީ އޭގެ ފަހުން އަހަރެންގެ ދޮންބައްޕައެވެ.
ކައިވެންޏަށް ގިނަ ދުވަސްތަކެއް ނުވަނީސް ދޮންބައްޕަ އަހަރެމެން ދެމައިން ގޮވައިގެން މާލެ ބަދަލުވިއެވެ. ގަނޑުވަރެއްފަދަ ބޮޑު ގެއަކަށެވެ. މައި ދޮރުން ވަންއިރު އަހަރެން ހުރީ އާޝޯހުވެފައެވެ. ގޯތިތެރޭގައި މާގަސްތަކާއި ރަށުގައި އަހަރެން އުޅުނު ގެވަރުގެ ބޮޑު މަސްފެންގަނޑެކެވެ. ސިޓިން ރޫމުގެ ބޮޑުމިނާ އެއްވަރަށް ކޮޓަރިތައްވެސް ބޮޑުވެފައި ރީއްޗެވެ. އަހަންނަށް ވަކިން ކޮޓަރިއެއް ދޮންބައްޕަ ތައްޔާރުކޮށްފައި ހުއްޓެވެ. ދުވެފައި ފުރަތަމަ ވެސް ފުންމާލެވުނީ އަހަރެންގެ އެނދު މައްޗަށެވެ. އަދި މިއީ އަހަރެންގެ އެކަނި ކޮޓަރިތޯ ދޮންބައްޕަ ގާތު ސުވާލުކުރެވުނެވެ. އަހަރެންގެ ސުވާލަށް ދޮންބައްޕަ ޖަވާބުދިނީ އޯގާވެރި ކަމާއެކުއެވެ. ދޮންބައްޕަގެ ޖަވާބާއެކު ދުވެފައި ގޮސް ދޮންބައްޕަ ގައިގައި ބާރާށް ބައްދާލެވުނެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައީ ލޯމަރާލައި، ލޯހޮޅުވާލާހާ އަވަހަށެވެ. މާޒީގެ ސޮފުހާތައް ދެން މި ފެށުނީ އަހަރެންގެ އުމުރުން އަށާރަ އަހަރުގައެވެ. މަންމަގެ ބަލިހާލަތާ ގުޅިގެން ބެންކޮކަށް ދިރިއުޅުން ބަދަލުކުރަން ދޮންބައްޕަ ނިންމިއެވެ. މަންމަ އާއެކު ދާން އަހަރެން ކިތަންމެ ބޭނުންވިޔަސް މަންމަ އެކަމަކަށް އެއްބަހެއް ނުވިއެވެ. އެއީ އޭރު އަހަރެން އުޅުނީ ސިފައިންގެއަށް ވަންނަން ތަމްރީނުތަކުގައެވެ. ސިފައިންގެއަށް ވަނުމަކީ އަހަރެންގެ ކިހާ ބޮޑު ހުވަފެނެއްކަން މަންމައަށް ރަނގަޅަށް އެނގޭތީއެވެ.
ރާއްޖެއިން ބޭރަށް މަންމަ ބަދަލުވި ފުރަތަމަ ތިން އަހަރު ބަރާބަރަށް މަންމައާ ވާހަކަ ދައްކަމެވެ. ވީޑިއޯ ކޯލު ކުރާ ކޮންމެ ފަހަރަކު މަންމަ އުޅޭ އުފާވެރި ދިރިއުޅުން ފެނިފައި ފެންކަޅިވެއެވެ. އެއީ އަަހަރެންގެ އަބަދުވެސް ދުއާއެވެ. މަންމަ އުފަލުގައި ލެއްވުމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ސިފައިންގޭގައި ބުރަކޮން އުޅެން ޖެހުމުން މަންމައަށް ބަރާބަރަށް ނުގުޅި ހަފުތާއެއް ދިޔައެވެ. އެ ބުރަަކަމާއެމުވެސް މަންމަގެ ހާލު އަހާލައި މެސެޖެއް ނަމަވެސް ކޮށްލަމެވެ. ނަމަވެސް ރައްދެއް ނުލިބެ އެވެ. ފަހަރުގައި މަންމަމެންނަށް ނުފެނި ނުވަތަ ރިޕްލައި ކުރަން ހަނދާން ނުހުންނަނީ ކަމަށް ބަލައި، އެއީ މާބޮޑު ކަމަކަށް އޭރު ނުހަދަމެވެ. އެހެންގޮސް ސިފައިންގެއިން މަގާމެއް ލިބުމުން އެ އުފާވެރި ހަބަރު ދޭން މަންމައަށް އެއް ދުވަހު އަހަރެން ގުޅީމެވެ.
ފޯނު ރިންގުވި ނަމަވެސް ފޯން ކޯލަށް ޖަވާބެއް ނުލިބުނެވެ. މަންމަވެސް އަނބުރާ ފޯން ކޯލު ރައްދެއް ނުކުރެ އެވެ. މިގޮތަށް މަންމައަށް ގުޅޭތޯ މަސައްކަތް ކުރާތާ ދެ ހަފުތާ ވެއްޖެ އެވެ. ނަމަވެސް މަންމަގެ ޚަބަރެއް ނުވި އެވެ. ދޮންބައްޕަގެ ފޯނަކަށް އެއްގޮތަކަށްވެސް ނުގުޅެ އެވެ. މަންމައާއި ދޮންބައްޕަގެ ފަރާތުންވެސް ފޯން ކޯލެއް ނުލިބެ އެވެ. މެސެޖެއްވެސް ނުލިބެއެވެ. ވީނުވީއެއް ނޭނގެ އެވެ. އަހަރެން ހާސްވެ ކަންބޮޑުވާން ފެށިއެވެ. އެކި ކަހަލަ ވަހުމްތައް ހިތަށް އަރާ ފައިބަމުން ދިޔައެވެ.
ގޮތް ހުސްވެ އެންމެ ފަހުން އަހަރެން ނިންމީ މަންމަ ކައިރިއަށް ދާށެވެ. އަހަރެންގެ ހިތާއި ސިކުނޑިން އަހަންނަށް ވިސްނައިދޭން އުޅުނު ކަންތައްތަކަކީ ހަގީގަތެއްތޯ ބަލާށެވެ. އެއް މަސް ދުވަހުގެ ޗުއްޓީއެއް ނެގުމަށްފަހު، މަންމައާ ބައްދަލުކުރުމުގެ ފޮނި އުއްމީދުގައި ދަތުރު ފެށީމެވެ. އޭރު ހަޔާތަށް ބިންދާލަން މި އުޅެނީ ކިހާބޮޑު ބިޔަ ރާޅެއް ކަމެއް އޭރަކު ނޭނގެއެވެ.
މަންމަމެން ބެންކޮކްގައި އުޅެމުންދިޔަ ގެ ކައިރިއަށް ޓެކްސީ މަޑުކުރުމުން ފޭބީމެވެ. ނަމަވެސް އަހަންނަށް އެ ފެނުނު މަންޒަރުން ހިތް މަރުވިއެވެ. ލޮލުން ކަރުނަ އޮހޮރުނެވެ. އުފެދުނީ އަނެއްކާވެސް ސުވާލުތަކެކެވެ. ގެ ހުރީ ވިއްކާލަން ޖަހައިފަ އެވެ. އޭގައި އެޖެންޓުގެ ނަންބަރު ޖަހާފައި އިންތަން ފެނުމުން ވަގުތުން ފޯނު ނަގައި އެ ނަންބަރަށް ގުޅީމެވެ. އަނެއްކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ. އަހަރެން ތުރުތުރު އަޅައަޅާ އޮތް ހިތަކާއެކު އޭނާއާ ބައްދަލުކުރުމަށް އެދުނީމެވެ. ހިތުގައި އޮތް ސުވާލުތަކުގެ ޖަވާބު ފޯނުން އަހާނެހާ ހިތްވަރު އަހަރެންގެ ގައިގައި ނެތީމައެވެ. ދެ މީހުން އެއްބަސްވި ވަގުތަށް އަހަރެން ދިޔައީމެވެ.
”މަގޭ ނަމަކީ ގުލޯރިއާ.“ ފޯނުން ވާހަކަ ދެއްކި އަންހެން މީހާ އަހަންނަށް އިނގިރޭސިން ތައާރަފުވި އެވެ. އެއީ ބެންކޮކްގައި އުޅޭ ޔޫރަޕު ކުއްޖެކެވެ.
”ނަވީން.“ އަހަރެން ވެސް އިނގިރޭސި ބަހުން ތައާރަފްވެލަމުން ގްލޯރިއާއާ ސަލާމްކޮށްލީމެވެ.
ވަގުތު ބޭކާރު ނުކޮށް އަހަރެން ގްލޯރިއާއާ ބައްދަލުކުރަން އެދުނު ކަންތައް ހުށަހެޅީމެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއް ބަންޑުންކޮށްލީމެވެ. ގުލޯރިއާގެ ކޮންމެ ޖަވާބެއް ވެގެން ދިޔައީ އަހަރެންގެ ހިތް އިތުރަށް ރޮއްވާލި ކަމަކަށެވެ. ފުން އަސަރެއް ކުރުވި ކަމަކަށެވެ.
ގުލޯރިއާ ބުނިގޮތުގައި އޭނާއަކީ މަންމަ ކުއްޔަށް ނަގައިގެން ދިރިއުޅެމުންދިޔަ ގޭގެ ވެރިފަރާތެވެ. ނަމަވެސް މަހެއް ކުރިން މަންމައާއި ދޮންބައްޕަ ދަތުރުކުރަމުންދިޔަ ކާރު ބަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ ހާދިސާގައި ދޮންބައްޕަ ވަނީ ނިޔާވެފަ އެވެ. އެކްސިޑެންޓުގެ ސަބަބުން މަންމަގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއްވެ ބޮޑު އޮޕަރޭޝަނެއް ކުރި އެވެ. އެ އެކްސިޑެންޓުގެ ފަހުން މަންމަ އެނބުރި ގެއަކަށް ނާދެ އެވެ. އެކްސިޑެންޓުގެ ހަބަރު ގްލޯރިއާއަށްވެސް އެނގުނީ މާފަހުން ކަމަށް އޭނާ ބުންޏެވެ.
މިހާ ހިސާބަށް ގްލޯރިއާގެ ވާހަކަތައް ދިޔައިރު އަހަރެންގެ ހިތް އޮތީ މަރުވެފަ އެވެ. ލޮލުން އޮހެރެމުންދިޔަ ކަރުނަ ނުހިފެހެއްޓުނެވެ. ހިތާ ދެކޮޅަށްވެސް އަހަންނަށް ދެންވެސް ކޮށްލެވުނީ ސުވާލެކެވެ.
”މި ހުރިހަ ކަމެއް ވީއިރުވެސް އަހަންނަށް އެއްވެސް ކަމެއް ނޭނގީ ކީއްވެ؟“
ގްލޯރިއާ އަހަރެންގެ މޫނަށް ފުންކޮށް ބަލާލި އެވެ.
”ނަވީންގެ އެއްވެސް މައުލޫމާތެއް އަހަންނަކަށް އެނގިފައެއް ނެތް. ދޮންބައްޕަ އަދި މަންމަވެސް ނަވީންގެ ވާހަކައެއް ނުދައްކާ. އެހެންވެ ގުޅޭނެ ގޮތެއްވެސް ނުވީ،“
މި ވާހަކަތައް އިތުރަށް އަޑުއަހާކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވި އެވެ. މަންމަގެ ގާތަށް ގެންގޮސް ދިނުމަށް އަހަރެން އެދުނީމެވެ. މަންމަ ފެނި ހިތަށް ކުޑަވެސް ތަސައްލީއެއް ލިބޭތޯ އެވެ. ގުލޯރިއާ އަހަރެންގެ ހާލަތަށް ހަމްދަރުދީވެ އަހަރެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
މާޒީގެ ފުންކަނޑުގައި ގެބެމުން ދަނިކޮށް އަހަރެން ސިއްސައިގެން ދިޔައީ ޑޮކްޓަރަކު އައިސް ކޮނޑުގައި ކޮއްޓާލުމުންނެވެ. އަހަންނަކީ ދަރިފުޅުތޯ ސުވާލުކޮށްލުމަށްފަހު އަހަންނަށް މަންމަގެ ހާލަތު ކިޔައިދޭން ފެށި އެވެ.
”ސިކުޑިއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ހަނދާންތައް ވަނީ އެއްކޮންކަހަލަ ގޮތަކަށް ގޮސްފައި، ހަމައެކަނި އޭނާގެ ހަނދާނުގައި ހުންނަނީ އެކްސިޑެންޓުގެ ދެ ދުވަސް ކުރީގެ ހަނދާންތައް، އަދިވެސް ފިރިމީހާގެ ވާހަކަ އަހަރެމެންގެ ގާތު އަހާ،“
މަންމަގެ ހާލަތު ގޯސްކަން އަހަންނަށް ވިސްނުނެވެ. މިއަދު މަންމަގެ ހުރި ހަމައެކަނި މީހަކީ އަހަންނެވެ. ބީރައްޓެހި ތަނަކަށް މަންމަ ދޫކޮށް ނުލެވޭނެކަން އަހަންނަށް އެނގެ އެވެ. އެހެންކަމުން މަންމަ ބެލުމުގެ ޒިންމާއާ އަހަރެން ހަވާލުވެ، މަންމަ މާލެ ގެނައީމެވެ. މަންމަގެ ހަނދާންތަކާ ނުލާވެސް ދިރިއުޅުން ކުރިއަށް ގެންދިއުމަށް އަހަންނަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް މިއީ އަހަރެންގެ މަންމައެވެ. އަހަރެންގެ ހިތްވަރެވެ. މަންމަގެ އަހަންނަށްޓަކައިވި ގުރުބާނީ އަހަރެން ހަނދާނެއް ނުނެތޭނެ އެވެ. އެއީ އަގުބޮޑު ހަނދާންތަކެކެވެ.

ގުޅުންހުރި
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ، މޭޖާ ކްރައިމުން ތަހުގީގު ކުރަނީ
އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވެރިއަކު ހޯދަނީ، މުސާރައަކީ 35،500 ރުފިޔާ
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން