ސެޕްޓެމްބަރ 8, 2025

ސިވިލް ސާވިސް ކޮމިޝަނަށް ތިން މެންބަރަކު އައްޔަނުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.

މި ބޭފުޅުން އައްޔަނުކުރައްވާފައިވަނީ ސީއެސްސީގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް އައްޔަނުކުރެއްވުމަށެވެ.

އެގޮތުން ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާ އެވެ.

މި ތިން ބޭފުޅުންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން މިއަދު ވަނީ ލައިދެއްވާފަ އެވެ. ހުވައިލައިދިނުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މެންބަރުންނާ، އެ ބޭފުޅުންގެ މަގާމުގެ ލިޔުންތައް ހަވާލުކުރައްވާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ހަ ނަމެއް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ.

މަޖިލީހުން ވަނީ، ރައީސް މުއިއްޒު ފޮނުއްވި ތަރުތީބަށް، އެ ހަ ނަމުގެ ތެރެއިން މި ތިން ބޭފުޅުން ސިވިލް ސާވިސް ކޮމިޝަނަށް އައްޔަނުކުރަން ފާސްކޮށްފަ އެވެ.

ޚާއްސަ ގޮތެއްގައި، ރައީސް މުއިއްޒު ތިންވަނައަށް އިސްކަންދެއްވި ޑރ. ދީބާ މޫސާއަކީ މިހާރުގެ ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ނާޒިމް އިބްރާހިމްގެ އަނބިކަނބަލުން ކަމަށް ވެސް ފާހަގަކޮށްލެވެ އެވެ.