ސެޕްޓެމްބަރ 13, 2025

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު

ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއިދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެ ނިންމުމަށް ނަޝީދު ތާއީދު ކުރެއްވި އިރު، އެ މަނިކުފާނަކީ އެ ނިންމުމަށް ތާއީދު ކުރެއްވި ފުރަތަމަ ރައީސެވެ. އެކަމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހުސެއިން ސަލާހުއްދީންގެ ’އަލް އަދަބު‘ ޅެމުގެ ބައިތަކެއްވެސް ލިޔުއްވައިފަ އެވެ. އެއީ:

ލިބޭ މިންވަރު ނިކަން ދަނެގެން

ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން

މިބޭޒާރު ނުވެސް ވާނޭ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް, މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000ރ. ދައުލަތުން ދޭންޖެހެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް, މާލީ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންޖެހޭއިރު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި, މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން ނަޝީދަކީ މި ވަގުތު ދުނިޔޭގައި ތިއްބެވި ކުރީގެ ރައީސުންގެ ތެރެއިން އެންމެ މަދުން އިނާޔަތް ލިބިވަޑައިގަންނަވާނެ ރައީސެވެ.