ސެޕްޓެމްބަރ 15, 2025

އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ ޗުއްޓީއެއް

އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އިއްޔެ ގެޒެޓުކުރި އެ އިސްލާހުގަ ބުނެފަވަނީ ގަވައިދުގެ 188 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގައި ބުނެފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.

އެއަށް ކިޔަނީ ”ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ“ ކަމަށް ގަވާއިދުގަ ވެ އެވެ.

އަދި އެ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ބުނާގޮތުން، ބަލިވުމުގެ ސަބަބުން މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ނަމަ ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ އެވެ.

ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް، އެ ބަލި މީހަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހެއް ކަމާއި ބަލީގެ ވައްތަރާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައ ބުންޏެވެ.