ސެޕްޓެމްބަރ 15, 2025

އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ ޒާހިރު އިސްތިއުފާ ދީފި

ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ, އެޑިޓާސް ގިލްޑްގެ ރައީސްގެ މަގާމުން ނޫސްވެރިޔާ ހިރިގާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހިރިގާ ޒާހިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެޑިޓާސް ގިލްޑްގެ ހިންގާ ކޮމިޓީގެ ގިނަ މެންބަރުން ތިއްބެވީ މިހާރު މިއޮތް ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށްވާތީ ޖަމިއްޔާ ޕެރެލައިޒް ވެފައިވާ ކަމަށެވެ.

އަދި މީޑިއާތަކާއި ނޫސްވެރިންނަށް މިހާރު ކުރިމަތިވަމުން އަންނަ ކަންކަމާ ދެކޮޅަށް އެޑިޓާސް ގިލްޑުން އެއްޗެކޭ ނުބުނެ އޮތުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް ހިރިގާ ޒާހިރު ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ކުރިން އުފެއްދި އެޑިޓާސް ގިލްޑަކީ ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް އަޑު އުފުލައި މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށްޓަކައި ރަނގަޅު ހަރުދަނާ ރޫހެއް އުފެއްދުމާ އެކު، ނޫސްވެރީންގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެއްބާރުލުން އުފައްދައި އާލާކޮށް ދެމެހެއްޓުމާ އެކު މީޑިއާގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

މީގެ އިތުރުން މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ވެއްޓެއް ގާއިމުކުރުމާއި ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ނޫސްވެރިންގެ ހައްގުތައް ހޯދައިދޭ ގާނޫނުތައް ހެދުމާއި އެއަށް އަމަލު ކުރޭތޯ ބެލުންވެސް އެ ޖަމިއްޔާ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޖަމިއްޔާ އިން އެންމެ ފަހުން ހިންގާ ކޮމިޓީއެއް އިންތިހާބު ކުރި ކަމަށް ދައްކަނީ 2021 ވަނަ އަހަރު އެވެ.

އޭރު އިންތިހާބު ކުރި ކޮމިޓީގެ ރައީސް ކަމަށް ހިރިގާ އިންތިހާބު ކުރި އިރު, ނައިބު ރައީސް (އިދާރީ) އަށް އިންތިހާބު ކުރީ ވަން އޮންލައިންގެ އެޑިޓަރު ސިނާން އަލީ އެވެ. އޭނާ ވަނީ މި ސަރުކާރުގައި އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް އައްޔަންކޮށްފަ އެވެ.

އަދި ނައިބު ރައީސް (އެކެޑަމިކް) އަށް އިންތިހާބު ކުރީ ’ދަ ޕްރެސް’ގެ އެޑިޓަރު އަލީ ޝަމްއާން އެވެ. އޭނާއަކީ މި ސަރުކާރުގައި އިންފޮމޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.