އޮކްޓޯބަރ 27, 2025

ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެލާބިސް އަޅާހެން އެއާޕޯޓުތައް އަޅުއްވަމުންގެންދަވާ ކަމަށާއި ގާނޫނުގައި ރިޝްވަތު މާނަކުރުމުގައި ގޯސްތަކެއް ހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް)ގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނުގައި ރިޝްވަތުގެ މާނަ ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަކީ ރިޝްވަތުގެ އަމަލެއް ކަމަށެވެ.

”މިއޮތް ހުރިހާ ދުވަހު ވެސް ދެ ކޮމަންޑޫ އޮތޭ. އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދެ ކޮމަންޑޫ އޮންނަކަން އެނގޭ. އެކަމާ ދިމާކޮށް މިކަން ކުރީމަ ރިޝްވަތަކަށް އެވަނީ، ގާނޫނުގައި ކޮންމެ ގޮތަކަށް އޮތަސް. މިހާރު މުއިއްޒު ވަޑައިގަންނަވާ ތަންތަނުގައި ވެލާބިސް އަޅާހެން އެބަ ވެލާބިސް އަޅާ ދެއްތޯ، ރާއްޖޭގެ އެތަން މިތަނުގައި. އެހެންވީމާ މިކަހަލަ ކަންކަން މިހުރީ،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނުތައް ހެދިފައި ހުންނަނީ ވަރަށް ދެރަވަރުކޮށް ކަމަށާއި މުޅި ރައްޔިތަކަށް ނޫނީ ރައްޔިތުންގެ ބަޔަކަަށް އާންމުވެގެންވާ ފައިދާއެއް ލިބޭ ކަމެއް ކުރަންޏާ، ގާނޫނުން ރިޝްވަތަކަށް ނުވާ ކަމަށެވެ. އެފަދަ ކޮންމެ ކަމަކީ ވެސް ރިޝްވަތު ކަމަށް ވިދާޅުވިއެވެ.

”ގާނޫނު މިއޮތީ މިގޮތަށް. އެ ގާނޫނު އުފަންކުރި މީހުންގެ ވިސްނުމުގައި މިއޮތީ މިކަހަލަ ގޮތަކަށް މި މީހުން ކަންކުރާނެ ގޮތަކަށް ނޫން. އެކަމަކު ބަޖެޓުގައި ނެތް ކަމެއް، މިއީ މި ދެންނެވި ގަވަނަންސްގެ ކަންފުޅެއް ވެސް ނެތީމަ ވާގޮތެއް. އިހުލާސްތެރިކަމުގެ ކަންފުޅެއް ނެތީމަ ވާގޮތެއް. ބަޖެޓުގައި ނެތް ކަމެއްގެ ވާހަކަ ހިފައިގެން ގޮސް، މިކަންކަން ކުރަނީ،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެގޮތުން ވެރިކަން ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަގު ފޯމު ހުށަހެޅި މައްސަލައިގައި ވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ.