ޑިސެމްބަރ 1, 2025

އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

އެ ބިލަކީ މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިލެކެވެ. އެ އިސްލާހާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ.

ރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

އޭގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތްވެސް ވަނީ އިސްލާހުކުރައްވައިފައެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ތިން މެންބަރުން (އަންހެން އެއް މެންބަރު) އަދި 2000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ ފަސް މެންބަރުން (އަންހެން 2) ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) އެއް ގޮނޑީގެ ނިސްބަތުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

އޭގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށް އެ އިސްލާހުގައިވެއެވެ.

އެ އިސްލާހާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފަރާތެއް ކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެ އިސްލާހާއެކު ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނައިފައެވެ.