ފީފާގެ ހުއްދަނެތިވެސް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބެލޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެފްއޭއެމަށް ފީފާއިން ދޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އާއި ހިޔާނާތްތެރިވުމުގެ ދައުވާއެވެ. ބައްސާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ މިހާރު ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
ފީފާގެ ހުއްދަނެތިވެސް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބެލޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެެއް ނުވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި ”sales of dollar“ ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، އެ ފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ ފީފާއިން އެފްއޭއެމަށް ދިން ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ހަރަދުކުރަން ދިން ފައިސާކަން ހެކިތަކުން އެނގޭ ކަމަށާއި ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމާފައިވަނީ ބައްސާމް ކަމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ކަންކަމަށް ފައިސާ ބޭނުންކުރިކަން ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ބައްސާމްގެ ވަކީލު ވިދާޅުވެފައިވަނީ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށާއި އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. އަދި އެ ފައިސާ ނަގަން ލިޔުންތައް ތައްޔާރުކުރީ ބައްސާމްކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިދިޔަ މަހުގެ 12 ގައި ބޭއްވި ކުރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްއަށް، ފީފާއިން ދޭ ފަންޑެއްގެ މައްސަލަ ބަލާނީ ފީފާގެ އެތެރެއިން ކަމަށާއި ފީފާއިން އެދިގެން ނޫން ގޮތަކަށް އެހެން ބަޔަކަށް އެ މައްސަލައެއް ނުބެލޭނެކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ ޖިނާއީ ކަންކަން ބެލުމުގެ އިހުތިސޯސް ރާއްޖެއަށް ލިބިގެންވާ ކަމަށާއި މި މައްސަލައަކީ އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއް ކަމަށެވެ.
ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ގޮތަށް ފީފާއާއި ފީފާގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން އުފައްދާފައިވާ އެފްއޭއެމްއަށް ޑިޕްލޮމެޓިކް އިމްތިޔާޒެއް ނުވަތަ ޑިޕްލޮމެޓިކް އިމުޔުނިޓީއެއް ލިބިދީފައި ނުވާ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގައި ނުވަތަ މުއާހަދާއެއްގައިވެސް ރާއްޖެއިން ސޮއިކޮށްފައި ނުވާކަން ދައުލަތުން ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ވާހަކަތަކަށް ތާއީދުކުރައްވަމުން މައްސަަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައިވަނީ ފީފާގެ ގަވާއިދުތަކަށްވުރެ ބޮޑަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ކޯޓަށް އިސްވާނެ ކަމަށެވެ. އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ފީފާއިންވެސް އަދި އެފްއޭއެމުންވެސް މިހާތަނަށް ދެކޮޅު ހަދާފައި ނުވާ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
ގާޒީ ވިދާޅުވެފައިވަނީ ކޯޓުގެ ޝަރީއަތްތަކާ ގުޅިގެން ފީފާއިން ވަކި އެއްޗެއް ނުބުނުމުން ދޭހަވަނީ މިއީ ފީފާގެ އިޖުރާއަތްތަކާ ހިލާފަށް ކުރިއަށްދާކަމެއް ނޫންކަން ކަމަށެވެ.
ބައްސާމުގެ ފަރާތުން އެ ހުށަހެޅި ހުށަހެޅުން ގާޒީ ބަލައިނުގަތުމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވެފައިވަނީ ގާޒީގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އެހެންވެ ގާޒީގެ ނިންމެވުން ލިޔުމުން ދޫކުރުމަށް ޝާހު އެދިވަޑައިގަތެވެ.




ގުޅުންހުރި
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މީހާ ދިހަ އަހަރަށް ޖަލަށް
ގާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަން ހުށަހަޅަން ނިންމައިފި
ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް، ތަންފީޒުކުރާނެ ހުކުމެއް ނެތް
ޑްރަގު މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފި
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ