ޑިސެމްބަރ 3, 2025

މިއަހަރު ޔޫކޭއަށް ކުރެއްވި ތިންވަނަ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި 

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ އެ ދަތުރުފުޅަކީ އިނގިރޭސި ރަސްގެފާނު، ޗާލްސް ތިންވަނައިގެ ދައުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ، ”ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ބުންޏެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅަކީ މި އަހަރުގެ ތެރޭގައި އެ މަނިކުފާނު އެ ގައުމަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ.

މި އަހަރު ތެރޭގައި ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ލިވަޕޫލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ކުރެއްވީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ރައީސް އިނގިރޭސިވިލާތަށް ދެވަނަ ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.