ޑިސެމްބަރ 3, 2025

ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ސަނީ އުމަރު ހައްޔަރުކޮށްފި

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ފުރަން އުޅެނިކޮށް ހައްޔަރުކޮށް ދޫކޮށްލުމަށް، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، ކުއްޖާގެ އާއިލާގެ ފަރާތުން މިދިިޔަ އާދީއްތަ ދުވަހު ހުށަހަޅާފައި އޮތުމުން ފުލުހުން ވަނީ ސުވާލުކުރުމަށް ސަނީ އުމަރު އިއްޔެ ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ސަނީ އުމަރު ފުރަތަަމަ ހައްޔަރުކޮށްފައިވަނީ، ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓައެވެ.

ފުލުހުން މިއަދު ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވައި، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އޮތް ސަނީ އުމަރުގެ ހިއްސާ އަތުލަައި ވަކިކުރަން އެ ކުންފުނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމައިފައެވެ.