ޑިސެމްބަރ 3, 2025

ޕްލާސްޓިކް ކުދި ފެންފުޅި މަނާވާ ތާރީހު ތިންވަނަ ފަހަރަށް ފަސްކޮށްފި 

ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން، އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި މަނާވާ ތާރީހު ތިންވަނަ ފަހަރަށް ފަސްކޮށްފިއެވެ.

އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ފެން ވިއްކުން މަނާ ކުރަން ފުރަތަމަ ނިންމީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ، އެ ތާރީހު 01 އޯގަސްޓް 2024 އަށް ފަސްކުރައްވައިފައެވެ. އަދި މިދިޔަ އަހަރު 1 މާޗު 2026 އަށް ވެސް ފަސްކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން 2027 ވަނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާވާނެއެވެ. އަދި ބާޒާރަށް ނެރުން މަނާ ވާނީ 1 ޖޫން 2028 އިން ފެށިގެން ކަމަށް އެ ގަރާރުގައިވެއެވެ.