ޑިސެމްބަރ 5, 2025

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ 

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި އެ ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހަގީގީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުން ކަމަށެވެ. އެހެންކަމުން ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަހުމަތްތެރީންކަމުގައި ނުބަލުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

”ދުންފަތުގެ އިސްތިއުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެކެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާށެވެ! ފުރަތަމަ ތިމާގެ އަމިއްލަ ނަފުސެވެ. ދެން އާއިލާއެވެ. އެއަށްފަހު މުޖުތަމައެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދުންފަތުގެ އިސްތިއުމާލުކުރުމީ ބޮޑު އިސްރާފެއް ކަމަށާއި އިސްރާފުކުރުމީ އިސްލާމް ދީނުގައި ހަރާމް ކުރައްވައިފައިވާ ކަމެއް ކަމަށެވެ. އަދި ގެއްލުންދެނިވި އެންމެހައި ތަކެތީން ދުރުހެލިވުމަށް، އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫން ކަމަށާއި މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިއުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބޭ ކަމަށް ހުތުބާގައި ބުންޏެވެ.

”އެހެންކަމުން، ދުނިޔޭގެ ގިނަ ގައުމުތަކުގައި، މިއަދު ވަނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައެވެ. މަތިންދާބޯޓުތަކާއި އެއާޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވިފައިވެއެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ހުންނާނީ ލިބިފައި ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ތިމާއަށްވުރެ އުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެމީހުންގެ މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮވާނީ ކިހިނަކުންތޯ، ހުތުބާގައި ވަނީ ސުވާލު އުފައްދައިފައެވެ.