ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ގެންނަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި އިރު, މިދިޔަ އަހަރުގެ ޖުލައި މަހު ސަރުކާރުން ވަނީ ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓުތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފަ އެވެ. އަދި އެފަދަ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް ބްލޮކް ކޮށްފައިވާ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިންވެސް ކުރިން ބުނެފައިވެ އެވެ.
ބްލޮކް ކުރީ ކިތައް ވެބްސައިޓް ކަމެއް އަދިވެސް ހާމައެއް ނުކުރެ އެވެ. އަދިވެސް އެފަދަ ވެބްސައިޓުތައް ހިންގާ ކަމަށް މީހުން ބުނެ އެވެ.



