ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ.
ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މައުރޫފް ހުންނެވީ ފަސް ދުވަހުގެ ބަންދެއްގައެވެ. އެ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.
މައުރޫފް ބަންދުގައި ހުންނަވަނިކޮށް، އައިޖީއެމްއެޗްގައި ވަނީ ކުއްލި ސާޖަރީއެއް ކޮށްފައެވެ. އެއީ ފުލުހުންގެ ބަންދުގައި ހުއްޓައި މެންބަރު މައުރޫފަށް އަނިޔާކުރުމުން ކުރަންޖެހުނު ސާޖަރީއެއް ކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ފުލުހުންނަށް ތުހުމަތުތަކެއް ކުރަމުންނެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މައުރޫފް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އޭނާ އަމިއްލައަށް އެދިވަޑައިގަތުމުން، ކަސްޓޯޑިއަލްގައި އެ ވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.
ޑޮކްޓަރަށް ދައްކަން އޭނާ އެދިވަޑައިގެންފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ފުލުހުންގެ ހިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި ސައްހަ ނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.




ގުޅުންހުރި
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ސިނގިރޭޓު ވައްކަން: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި