ޑިސެމްބަރ 15, 2025

ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15 އަށް, ހަމަލާ ދިނީ ދެބަފައިން

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑިން ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ދެބަފައިން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ޔަހޫދީންގެ ހަފުލާއަކަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާގައި މިހާތަނަށް 15 މީހަކު މަރުވެފައިވާއިރު, އޭގެ ތެރޭގައި 10 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެ އެވެ. އަދި ހަމަލާގައި ދެ ފުލުސް އޮފިސަރަކާއެކު 40 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ 30 އަހަރު ތެރޭގައި އޮސްޓްރޭލިއާގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާއެވެ.

އޮސްޓްރޭލިއާގެ ފުލުހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ, މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވެފައިވަނީ ސާޖިދު އަކުރަމް ނަމަކަށް ކިޔާ 50 އަހަރުގެ މީހަކާއި ނަވީދު އަކުރަމް ނަމަކަށް ކިޔާ 24 އަހަރުގެ މީހެއް ކަމަށެވެ. މި ދެ މީހުންނަކީ ދެބަފައިންނެވެ. މި ހާދިސާގައި 50 އަހަރުގެ މީހާ މަރާލާފައިވާއިރު, އޭނާގެ ފިރިހެން ދަރިފުޅަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.