ޑިސެމްބަރ 17, 2025

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!

އަންނަ އަހަރު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސްކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅުނުވެ ފަލާހު ވިދާޅުވީ، ނަން ނުދެންނެވި ނަމަވެސް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށެވެ. އަދި ބައެއް ނޫސްތަކުގައި މިހާރުވެސް އެއީ ކޮން ބޭފުޅެއްކަން ލިޔުއްވާފައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އެ ބޭފުޅަކީ އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރައްވައި، ފެބްރުއަރީ 9، 2012 ގައި ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ މޫސާ އަލީ ޖަލީލެވެ. އޭނާއަށް މި ސަރުކާރުން ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިދިޔަ އަހަރު އަރުވައިފަ އެވެ.