ޑިސެމްބަރ 17, 2025

ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި 

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 27 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 27 ގައި ބާއްވާނެ ކަމަށާއި އެ ޕްރައިމަރީ ކުރިއަށްގެންދާނީ އިންސާފުކަމާއެކު ދެފުށް ފެންނަ ގޮތަކަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއްވާ ނަމަ، އެކަމަށް ހުށަހަޅަން ޖެހޭނީ ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް އަރާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.