ޑިސެމްބަރ 18, 2025

ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި 

ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ހަރަކާތުގެ ތެރެއިން ރޭ އެކަނިވެސް 23 ބިދޭސިއަކާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލުކުރަން ފުލުހުންނާއި ކަމާގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު ބޭރުގައި އުޅެނިކޮށް ހުއްޓުވައި 23 ބިދޭސީންނާ ސުވާލުކޮށްފައިވާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެނިކޮށް އެއް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ބިދޭސީ މީހާ، މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައީސްގެ އެންގެވުމާއެކު، ރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ފުލުހުން ނިންމައިފައެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން އިމިގްރޭޝަނުން މިހާރު ދަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް 509 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.