އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައިފިއެވެ.
ޝަންގްރިއްލާ އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
ޝަންގްރިއްލާ އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެއް ކަމަށް ސަރުކާރުން ދެކެއެވެ.
ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ އެ ރިސޯޓު ހިންގާ ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.
ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް މުއިއްޒު ވެސް މިދިޔަ ނޮވެންބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގުތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.




ގުޅުންހުރި
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
1.88 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރުގެ ރެކޯޑް މުގުރާލައި އާ ރެކޯޑެއް!
ފަތުރުވެރިކަން ނެތް ސަރަހައްދުތަށް ތަރައްގީ ކުރުމަށް، 200 މިލިޔަން ރުފިޔާ ދޫކުރަނީ