ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަންދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދެއްކުމަށްފަހު އެ މީހުން ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވަނީ 27 އޮކްޓޫބަރު 2025ގެ ފަތިހު 4:45 އެހާކަންހާއިރެވެ. ފޭރިގެން ސޫޓް ކޭހުގައި ހުރީ ޓާމިނަލް 1ގައި ހުންނަ ޑޮލަރު ކައުންޓަރަށް ގެންދިޔަ ޑޮލަރެވެ.
ފުލުހުން އޭރު ބުނި ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެ އެވެ.
ފުލުހުން މިއަދު ބުނީ، އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި 13 ޖަނަވަރީ 2026 ގައި ރ. މަޑުއްވަރި/ މީޒާން، އިސްމާއިލް ސިރްހާން (30އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ތިބީ ހައްޔަރުކޮށްފަ އެވެ. މި އެންމެންވެސް ތިބީ ބަންދުގަ އެވެ. އެ މީހުންނަކީ:
- ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ، 25އ.
- މ. ކޯރަސް/ އަހްމަދު ރައިހާން ނައީމް، 20އ.
- ކ. ގުރައިދޫ/ އަޅިވިލާގެ، އިބްރާހީމް އަނޫފް، 24އ.
- ކ. ގުރައިދޫ/ އަޅިވިލާގެ، ހުސައިން ޝަހުދު، 30އ.
- ގއ. ވިލިނގިލި/ ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27އ.
- ތ. ވިލުފުށި/ އެހީވާގެ، އަހުމަދު މާހިދު، 44އ.
- ސ. ހިތަދޫ/ ވަށަގުލިމާގެ، އަލީ އަފްޒަލް، 21އ.
އެއާޕޯޓުން ފައިސާތަކެއް ފޭރުނުތާ ގާތްގަނޑަކަށް ތިން މަސް ވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް މާބޮޑު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.




4 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި