ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތް އަދި މި ފެށުނީ ކަމަށާއި އެމްޑީޕީން އެކުގައި ނުކުމެ، އެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު ކާމިޔާބުކުރެއްވި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުން މާލޭގެ މޭޔަރު ޓިކެޓު ކާމިޔާބުކުރެއްވުމަށްފަހު، އުފާފާޅުކުރުމަށް ރޭ ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ކުރިއަށްއޮތް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށްފަހު، އެކުގައި މަސައްކަތްކުރަންވީ 2028 ގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ކާމިޔާބުކޮށްދީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށެވެ.
”މަސައްކަތް މި ފެށުނީ އަދި ކިރިޔާ. އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންވީ އެމްޑީޕީއަށް މާލޭ ސިޓީ މޭޔަރުގެ ގޮނޑި ހޯދައިދޭން. އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންވީ އެމްޑީޕީއަށް މާލޭ ސިޓީގެ ކައުންސިލު ހޯދައިދޭން. އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންވީ މުޅި ރާއްޖެއަށް ލޯކަލް ކައުންސިލް އިލެކްޝަން ހޯދައިދޭން،“ އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށާއި އެމްޑީޕީގެ ހިތާމަތަކަށް ނިމުމެއް ލިބިގެންދާނީ އެ އިންތިހާބު ކާމިޔާބުކުރެވިގެން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ 2026 ގެ އިލެކްޝަން އަޅުގަނޑުމެން ބޮޑުތަނުން، ތިބޭފުޅުންގެ ލޯތްބާއި އިހުތިރާމާއި ތި ބުރަ މަސައްކަތާއެކު އަޅުގަނޑުމެން ކާމިޔާބުކުރާނަން. ހަމައެއާއެކު އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް 2028 ގެ ވެރިކަން ހޯދައިދޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން،“ މޭޔަރު ވިދާޅުވިއެވެ.




ގުޅުންހުރި
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ