”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި ފުރަތަމަ 24 ގަޑިއިރުގެ ތެރޭ 500 އަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން އިއްޔެ ވަނީ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފައެވެ.
މާލެ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އެ ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށެވެ. އަދި ޕޯޓަލްމެދުވެރިކޮށް އަންނަ މާޗް މަހުގެ 4 ގެ 23:59 ގެ ނިޔަލަށް 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި 24 ގަޑިއިރުގެ ތެރޭގައި ވަނީ 518 އެޕްލިކޭޝަން ހުށަހަޅައިފައެވެ. އެއީ ފުލެޓަށް 399 އެޕްލިކޭޝަން އަދި ގޯއްޗަށް 119 އެޕްލިކޭޝަނެވެ. އޭގެ ތެރެއިން 3836 އެޕްލިކޭޝަން އޮތީ ޑްރާފްޓިން ސްޓޭޖުގައެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މުއްތަލިބު އިއްޔެ ވިދާޅުވީ 2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި މީހުން ވެއްދިފައެއް ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ރަޖިސްޓްރީ ހައްދައި، ގޯތި ވެސް ހަވާލުކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން 7،900 ފުލެޓަށް ވަދެވޭވަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް އެ މީހެއްގެ ވެރިފައިޑް އީފާސް އެކައުންޓުން ލޮގިންކުރުމުން ބޭނުންވާ ސްކީމް އިހުތިޔާރުކުރުުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެޕްލިކޭޝަން ސަބްމިޓްކުރުމުން ސަބްމިޓްކުރިކަމުގެ ލިޔުން އީމެއިލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެޕްލިކޭޝަން ސަބްމިޓްކުރުމުން ދޫކުރާ ލިޔުމުގައި އެޕްލިކަންޓަށް ޕޮއިންޓު ލިބުނުގޮތުގެ ތަފްސީލުވެސް ހިމެނިފައިވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.




ގުޅުންހުރި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
އެކަނިވެރިންނަށް 100 ފުލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް 100 ފުލެޓު
އަލަތު ކައިވެނިކުރާ ފަރާތްތަކާއި ޒުވާން އާއިލާތަކަށް 250 ފްލެޓް