ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތިންވަނަ މެޗުގައި ރާއްޖެއިން އިންޑިއާ ވެސް ބަލިކޮށްފިއެވެ.
މުބާރާތުގައި ރާއްޖެއިން މީގެ ކުރިން ކުޅުނު ދެ މެޗުގައި ވެސް ވަރުގަދަ ކުޅުމަކާއެކު ވަނީ މޮޅުވެފައެވެ. އެގޮތުން ޕާކިސްތާން އަތުން ބޮޑު ތަފާތަކުން 7-1 ގެ ނަތީޖާއަކުން މޮޅުވި އިރު، ދެވަނަ މެޗުގައި 6-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ވެސް ބަލިކުރިއެވެ.
މިއަދު ކުޅުނު މެޗުގައި 5-0 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށް، ރާއްޖެއިން ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ރާއްޖެއަށްވުރެ އެއް މެޗު އިތުރަށް ކުޅެ، ދެވަނައިގައި ހަތް ޕޮއިންޓާއެކު ޕާކިސްތާނު އޮތް އިރު، ތިންވަނައިގައި އޮތް ނޭޕާލަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ބަންގުލަދޭޝަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މިއަދުގެ މެޗަށް ނުކުތް އިރުވެސް އިންޑިއާއަށް އޮތީ މޮޅެއް ހޯދުމަށް ވަރަށް މުހިންމުވެފައެވެ. ފަސްވަނައިގައި އޮތް އިންޑިއާ އިން ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެފައިވުމާއެކު ލިބިފައިވަނީ ދެ ޕޮއިންޓެވެ. ލީގު ތާވަލުގެ ފުލުގައި ސްރީ ލަންކާ އާއި ބޫޓާނެވެ. އެ ދެ ޓީމަށް ވެސް ތިން މެޗުން މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ޑިފެންސާއި އެޓޭކަށް ވަރަށް ވިސްނައިގެން ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް، ރާއްޖެއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.
ރާއްޖެއިން ލީޑު ހޯދުމާއެކު އިންޑިއާއިން އެޓޭކު ވަރުގަދަކުރި އިރު، ރާއްޖެއިން ޑިފެންސް ވަރުގަދަކުރިއެވެ. އެހެންކަމުން އިންޑިއާ އިން ގިނަ ހަމަލާތައް އުފައްދަން ޖެހުނީ ދުރުންނެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއަކުން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ހަތަރު މިނެޓުުގެ ތެރޭގައި ރާއްޖެއިން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. އިންޑިއާއަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި އެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާއްޕެ އާއި އަލީ ޝަމާލް އަބްދުﷲ އެވެ.
އިންޑިއާއިން ގޯލްކީޕަރުގެ ބަދަލުގައި އައުޓްފީލްޑް ކުޅުންތެރިއެއް ބޭނުންކޮށްގެން އެޓޭކުކުރުމަށް މަސައްކަތްކުރަމުންދަނިކޮށް، އިތުރު ގޯހެއް ހެދިގެން ރާއްޖެއިން ވަނީ ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. ދެވަނަ ހާފުގެ ދިހަވަނަ މިނެޓުގައި ހުސް ގޯލަށް ބޯޅަ ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ޖަހައިދިން ކެޕްޓަން އިންމިއެވެ.
އިންޑިއާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ކީމާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ކާޑު ދެއްކީ ހުސައިން ޝަރީފް (އޮންލީ)އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އިންޑިއާ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ވަގުތުކޮޅުގެ ބޭނުން ހިފުމަށް ރާއްޖެއިން މަސައްކަތްކުރިއެވެ. ނަމަވެސް އިންޑިއާ އިން މަސައްކަތްކުރީ ބޯޅަ ލިބުމާއެކު، ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ނުދީ ހިފެހެއްޓުމަށެވެ.
މެޗު ނިމެނިކޮށް ކީޕަރުގެ ބަދަލުގައި އައުޓްފީލްޑް ކުޅުންތެރިއެއް އަރުވައިގެން އުޅެނިކޮށް އިންޑިއާއަށް އިތުރު ގޯލެއް ހެދުމާއެކު، ރާއްޖެއިން ވަނީ ފަސް ގޯލުގެ ލީޑެއް ހޯދައިފައެވެ. އަމިއްލަ ހާފުގެ ތެރޭ ހުރެ، ހުސް ގޯލަށް ބޯޅަ ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސާމިން މުހައްމަދު ނަސީރެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގްރޫޕު ސްޓޭޖުން ކުރިއަށްދާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ތާވަލުގެ އެއްވަނައިގައި ނިންމާލާ ޓީމަށެވެ.
މުބާރާތުގައި ރާއްޖެއަށް އަދި ތިން މެޗު އޮންނާނެއެވެ. އަންނަ ބުރާސްފަތި ދުވަހު ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، ހޮނިހިރު ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް