މޮރިޝަސްގެ ބަދަލުގައި ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސާ ކީ ސްޓާމާ ވަނީ މިދިޔަ އަހަރުގެ މެއި މަހު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.
ރައީސް މީގެ ކުރީން ވެސް އެ ވާހަކަފުޅުދައްކަވާފައިވާ އިރު، އެ މަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެކަން ރައީސް ފާހަގަކުރެއްވީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ ކަމަށެވެ.
ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއްކަމުގެ ހެކިތައް ހުންނާނެ ކަމަށާއި އެހެން އެއްވެސް ގައުމަކަށްވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ޓްރަމްޕް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި މޮރިޝަސްއަށް ޗާގޯސް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ”މޮޔަ ނިންމުމެއް“ ކަމަށެވެ.
މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައި ދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ.
އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގުތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވެސް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.



ގުޅުންހުރި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި