މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20 ރުފިޔާ 

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ.

މިފްކޯގެ ޕީއާރްގެ ސީނިއާ މެނޭޖަަރު ޝިފްޒާ މުސްތަފާ މިއަދު މީޑިއާތަކަށް ވިދާޅުވީ، އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށާއި އެ ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20 ރުފިޔާގެ މަގުން ކަމަށެވެ.

ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓު ފަހަރަށް އެ ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާ ކަމަށާއި އޭގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފްޒާ ވިދާޅުވީ، މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

މަސްވެރިންގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރާ އެއް ބަޔަކީ ބޮޑުކަންނެލީގެ މަސްވެރިންނެވެ. އެގޮތުން ދާދި ފަހުން ބޮޑުކަންނެލީގެ މަސްވެރިން ވަނީ، މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ގޮވާލައި މުޒާހަރާއެއް ވެސް ކޮށްފައެވެ.

އޭގެ ފަހުން ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެއުމަށްފަހު، މިމަހުގެ 10 އިން ފެށިގެން މިފްކޯއިން ވަނީ ބޮޑުކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފައެވެ.