މުޒާހަރާގެ މައްސަލައިގައި މައުރޫފް ހިމެނޭހެން އިތުރު ދެ މީހަކަށް ދައުވާކުރުމަށް ޕީޖީއަށް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ، އިދިކޮޅު އެމްޑީޕީން ”ލޫޓުވައިފި ލޫޓުވައިފި“ގެ ނަމުގައި ބޭއްވި މުޒާހަރާއާ ގުޅިގެން އިތުރު ތިން މީހަކަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

މީގެ ކުރިން ފުލުހުންގެ ތަހުގީގަށްފަހު ހަތް މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ އެމީހުންނާ މެދު ދައުވާ ނުކުރުމަށެވެ.

އޭގެ ފަހުން އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އަދި އެކަން އަންގައި އެމީހުންނަށް ފުލުހުން ވަނީ ދައުވާކުރުމަށް ފޮނުވިކަން އެންގުމަށް ލިޔުން ފޮނުވައިފައެވެ.

ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރާއި ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އަދި އަބްދުއްސަލާމް އެވެ.

އެމީހުންގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށް، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތެވެ.

މީގެ ކުރިން ފުލުހުން ދައުވާކުރުމަށް ފޮނުވި ހަތް މީހުންގެ މައްޗަށް ދައުވާނުކުރުމާ ގުޅޭގޮތުން ޕީޖީން މިދިޔަ އަހަރުގެ ނޮވެމްބަރު 18 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލި އިރު، ތުހުމަތުކުރެވޭ އަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށެވެ.

އޭރު ފުލުހުން ދައުވާކުރުމަށް ފޮނުވި މީހުން:

  • މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • ހުސައިން ޝާކިރު
  • އަޒީމް އަލީ
  • އަލީ ޖުމާން
  • މުހައްމަދު ހަލަފް އިބްރާހީމް