ހަނގުރާމައާ ގުޅިގެން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 35 ޕަސަންޓަށް މަދުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުތަކެއް ކުރާނެ ކަމަށާއި ނަމަވެސް އެ އަސަރުތައް ކުޑަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މެދުއިރުމަތީގެ ގައުމުތަކުން މިދިޔަ މަހު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 8800 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި ހަނގުރާމައާ ގުޅިގެން ފުލައިޓުތއް ކެންސަލްވުމާއެކު ގާތްގަނޑަކަށް 30 އާއި 35 ޕަސަންޓާ ދޭތެރޭގެ ފަތުރުވެރިން ރާއްޖެ އައުން މަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް މި ދެތިން ދުވަހު ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި އެކަމާ ގުޅިގެން ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވެގެންދާނެ ކަމަށެވެ. އަދި މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން މިހާރު މަސައްކަތްކުރާނީ އެހެން ރޫޓަކުން ރާއްޖެ އައުމަށް ކަމަށެވެ.
އެ އަސަރުތައް ކުޑަކުރުމުގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އިތުރު އޮޕްޝަންތަކާއި އިތުރު މާކެޓްތައް ހޯދޭނެ ގޮތްތަކަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ނުފުރިފައި 4929 ފަތުރުވެރިޔަކު ތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ފަތުރުވެރިންގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް އަދި މިހާރު ޑޮމެސްޓިކް ޓާނިމަލްގެ ގޮތުގައި ބޭނުންކުރާ ޓާމިނަލުގައި އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.



