މިއަހަރު 31 ހާފިޒުން ދަސްވެނިވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިވާ އިރު، މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވި އަހަރެވެ.
މިރޭގެ ރަސްމިއްޔާތުގައި ދަސްވެނިވި 31 ހާފިޒުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝީލްޑް ހަވާލުކުރައްވައިފައެވެ. އަދި 18 ހާފިޒަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ހަވާލުކުރައްވައިފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާނަށް ހިދުމަތް ކުރުމާއި، ކީރިތި ގުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ރާއްޖެ ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށާއި މިދިޔައަހަރު ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގައި ހާފިޒުންގެ އަދަދު މިހާރު ވަނީ 301 އަށް އަރާފައި ކަމަށާއި އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އާ ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މިނިސްޓްރީގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ހާފިޒުންގެ އަދަދު އެންމެ ގިނަ ގައުމަށް ރާއްޖެ ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން މިއަހަރު 50 ގޮފި އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ ގޮފި ރަޖިސްޓްރީކުރެވިފައިވާ އިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު 1873 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށާއި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ހިފްޒު ކުރަމުން އަންނަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
މާދަމާއަކީ މުލަ ރޯދަ ދުވަސް