އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި

މާލެ ސަރަހައްދުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން މީގެ ކުރިން ގޯއްޗާއި ފުލެޓަށް ހުޅުވާލާފައިވާ އިރު، އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ފަރާތްތަކުގެ ޝަރުތު ފުރިހަމައެއް ނުވެއެވެ.

އެއާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަކި ޕްރޮގްރާމެއްގެ ގޮތުގައި އެ ފަރާތްތަކުގެ ބޯހިޔާވަހިކަމަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށާއި ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެ އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯއްޗެވެ. ”ގޯތިގެދޮރު“ ޕްރޮގްރާމްގައި ހިމެނެނީ މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަކާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.

އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފުލެޓެއް/ބިމެއް ނަމަ، ރަޖިސްޓަރީ އާއި މާލޭ ރަށްވެއްސެއް ނަމަ މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެވެ. އަދި މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ވަޒީފާގެ ލިޔުމެވެ.

އޭގެ އިތުރުން އެ މުއްދަތު ސާބިތުކުރުމަށް ތައުލީމީ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުން ވެސް ހުށަހެޅިދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.