ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދީފައިވާ ހަމަލާތަކުގައި އީރާނުގެ ބައިވެރިވުމެއް ނެތް: އިނާޔަތީ

ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް ދިން ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލަންޖެހޭ ކަމަށް ބުނާ ވާހަކަތައް، ސައުދީގައި ހުންނަވާ އީރާނުގެ ސަފީރު އަލީރޭޒާ އިނާޔަތީ ދޮގުކުރައްވައިފިއެވެ.

ސަފީރު އަލީރޭޒާ އިނާޔަތީ ދާޅުވި ގޮތުގައި، އެ ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށްވާނަމަ، އެކަން ފާޅުގައި އެގައުމުން އިއުލާން ކުރާނެކަމަށެވެ.

ސަފީރު އަލީރޭޒާ އިނާޔަތީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ، ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާތައް ދިނީ ކޮން ބައެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުން ހަމަލާދެމުންދަނީ ހަމައެކަނި އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ އަމާޒުތަކަށާއި އެ ގައުމުތަކުގެ މަސްލަހަތު އޮންނަ ތަންތަނަށް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ފެބްރުއަރީ މަސް ނިމެނިކޮށް އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އޭގެ ރައްދުގައި ސައުދީ އަރަބިއްޔާ ގެ އިތުރުން ގަތަރު، ބަހްރައިން، އުރުދުން، އިރާގު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އެމެރިކާއާއި ޔަހޫދީ އިސްރާއީލުގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފައެވެ.

ނިމިދިޔަ ހަފްތާގައި، ޑްރޯންއެއްގެ ބައިތަކެއް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ސައުދީގެ ”ރައުސް ތަނޫރާ“ ތެޔޮ ސާފުކުރާ ކާރުޚާނާގެ މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ. މީގެ އިތުރުން، ޔޫއޭއީގެ ބޯޑަރު ކައިރީގައި އޮންނަ ”ޝައިބާ“ ތެޔޮ ބިމަށް ވެސް ހަމަލާދޭން އުޅުނު ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ ކޮން ފަރާތަކުން ކަމެއް ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިނާޔަތީ ވިދާޅުވީ، ސައުދީގެ އިސްވެރިންނާ އޭނާ ސީދާކޮށް މުއާމަލާތް ކުރަމުންދާ ކަމަށާއި، ދެ ގައުމުގެ ގުޅުން ގިނަ ދާއިރާތަކަކުން ކުރިއަރަމުންދާ ކަމަށެވެ.

ދެ ގައުމުގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ސައުދީ އަރަބިއްޔާގެ ބިމާއި، ކަނޑާއި، ވައިގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް ހަމަލާއެއް ދިނުމަށް ފުރުސަތު ނުދޭނެ ކަމަށް އެ ގައުމުން ފާޅުކޮށްފައިވާ ރަސްމީ ނިންމުން ހިމެނެއެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުން ޒަމާންތަކެއްވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ގާއިމުކުރީ 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.