ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމަންޓުގެ ދަށުން ވަޅޯމަސް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށް މަގުފުޅާކޮށް ތާރު އަޅާފައި ---

ހެންވޭރު ފެރީ ޓާމިނަލުން 1 ނަންބަރު ފާލަމާ ހަމައަށް މަގު ތަރައްގީކުރުން 21 މާޗުގައި ފަށަނީ

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ތަރައްގީކުރުން 21 މާޗުގައި ފަށަން ތާވަލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ އެ ސަރަަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކޮށްފައިވާ ގޮތުގެ ތަފުސީލު މިއަދު ހާމަކޮށްފައެވެ.

  1. ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާހަމައަށް ހިމެނޭ ސަރަހައްދު: 21 މާޗުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ
  2. މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު: 30 މާޗުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ
  3. ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު: 17 އޭޕްރީލް އިން ފެށިގެން ނިމެންދެން ބަންދުވާނެ

އެހެންވެ މާލެ ސިޓީ ކައުންސިލުން ވަނީ، މިއަދުން ފެށިގެން، އެ ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތް ނިމި، އާންމުކޮށް ސަރަހައްދު ހުޅުވާ ލެވެންދެން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އެދިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން އެމްއެމްއޭ ކުރިމައްޗަށް އޮންނަ ސަރަހައްދު ތަރައްގީ ކުރި އިރު، ދެވަނަ ސެގްމަންޓުގެ ދަށުން ވަނީ ވަޅޯމަސް މާރުކޭޓް ކައިރިން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށްފަ އެވެ.