މާފަންނުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުނިކުތުމަށް އިލްތިމާސްކޮށްފިއެވެ.
ގުދަނުގައި މިރޭ ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލުކޮށްފައިވީ ނަމަވެސް، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ވަނީ ދުން ފެތުރިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ އެ ހާދިސާއާ ގުޅިގެން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ސަމާލުކަން ދޭންވީ ކަންކަން:
ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން (ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ)
ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދުކުރުން.
ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ.
ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން.
ނޭވާ ކުރުން / ނޭވާލާން އުނދަގޫވުން، ގަދައަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ.



