މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
މި ސަރުކާރުގައި ސީޕީއަކަށް ފުރަތަމަ އައްޔަންކުރެއްވީ އަލީ ޝުޖާއު އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އޭނާ ރިޓަޔާކުރެއްވުމުން، އެ މަގާމަށް ނަވީން އައްޔަންކުރެއްވީ އެވެ.
ޕޮލިސް ކޮމިޝަނަރުކަން ހުސްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މިދިޔަ މަހު ރިޓަޔާކުރެއްވުމުންނެވެ. މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު އެންމެ ފުރަތަމަ އިއުލާންކުރިއިރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލި އެވެ. ނަމަވެސް ދެވަނަ ފަހަރަށް އިއުލާންކުރުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ފަރުހާދާއި ޓޫފޯގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.
ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި އަހުމަދު މުހައްމަދު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރު އެވެ. ހިދުމަތުގައި ހޭދަކުރެއްވި 30 އަހަރަށްވުރެ ދިގު މުއްދަތުގައި އޭނާ ވަނީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ އިތުރުން، އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އޭނާ ފުރިހަމަކުރެއްވި އެވެ.



