އިއްޔެ ބޭއްވި ތިން އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ރިވެތި ނަމޫނާއިން އެ މަނިކުފާނު ރައްޔިތުންނަށް ކުރާ އިހުތިރާމާއި ލޯބި ދައްކުވައި ދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ، ރައީސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.
އެ ޕޯސްޓް ރީ ޕޯސްޓް ކުރައްވައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވައި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ވެރިއެއްކަން އަމަލުން ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ރައްޔިތުންގެ ނިންމުމަށް ވެރިއަކު އިހުތިރާމް ކުރައްވަންޖެހޭ މިންވަރު ރައީސް މިއަދު ސާބިތުކޮށްދެއްވައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިން މަސައްކަތް ކުރި ވެރިމީހާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް. އޭގެ ބަދަލުގައި އެ ބޭފުޅާ އަންނަނީ ރައްޔިތުންދެކެ ރުޅި. ދައްކަވަނީ ފުސްމޫނު. ނަމަވެސް މިއަދު ރައީސް (މުއިއްޒު) ތިޔަ ދެއްކެވި ރިވެތި ނަމޫނާއިން ރައީސް ރައްޔިތުންނަށް ކުރާ އިހުތިރާމާއި ލޯބި ދައްކުވައި ދެއްވައިފި،“ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ޝުޖާއު ވިދާޅުވި އެވެ.



