ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން 42 ދައުވާ ކޮށްފައިވީ ނަމަވެސް، އެ ހުރިހާ ދައުވާއެއް ސާބިތުނުވާ ކަމަށް މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމުގައި ވަނީ އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، މިދިޔަ ހޮނިހިރު ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ހައިކޯޓުގައި އެދިފައިވާނީ އެ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، އެއީ މަދަނީ ޠަބީއަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، މައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އައްމަޓީ، ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން، މިއަދު ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދީފައިވާ ކަމަށެވެ.



