ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވަމުންދިއުމާ ގުޅިގެން، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށްއޮތް މަސްތަކުގައި، ހާއްސަކޮށް މިމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
”އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސިޓީ/ރަށު ކައުންސިލުތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ..،“ އެޗްޕީއޭ އިން ބުންޏެވެ.
އެގޮތުން ވަކިވަކި އިދާރާތައް ނުވަތަ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދުތަކެއް ވެސް އެޗްޕީއޭ އިން ވަނީ ދީފައެވެ. އެއީ؛
- ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯއަޕް ކުރުމާއި ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނީޓާކުރުމާއި އެޗްޕީއޭއަށް ގަވާއިދުން ރިޕޯޓުކުރުން.
- ކައުންސިލުތައް: ޑެންގީ ކޮންޓްރޯލުކުރުމަށް ޓާސްކްފޯސް އެކުވަލަވާލައި ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށްގެންދިއުން.
- ސްކޫލުތައް: ކޮންމެ ހަފްތާއަކު އެއް ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި ޑެންގީން ރައްކާތެރިވުމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން.
- ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓު އަދި އިންޑަސްޓްރިއަލް ރަށްތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއަކު އެއް ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި ސާފުކުރުމާއި ޑެންގީން ރައްކާތެރިވުމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުން.
- ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މި މަސައްކަތްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުން.
- މީޑިއާ: ކަމާބެހޭ އިދާރާތަކުން ހިއްސާކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތު ފެތުރުމާއި ރައްޔިތުން ހޭލުންތެރިކުރުން.
- އާންމު ފަރުދުން: މަދުވެގެން ހަފްތާއަކު އެއްފަދަރު ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފާސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި މަދިރި ހެފުމަށް ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
އެޗްްޕީއޭ އިން ބުނީ ޑެންގީ ކޮންޓްރޯލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ އެޖެންސީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމާއި ޑެންގީ ޖެހިއްޖެނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.



