ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފައްތައިފި އެވެ.
އިބްރާހިމް ’ހަފްތާ‘ އަށް ވިދާޅުވީ އޭނާ ދުއްވާ ސްކޫޕީ ސައިކަލު އާންމުކޮށް ބަހައްޓަނީ ގޭ ދޮރުމަތީގައި ކަމަށާއި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހޭލައިގެން ގެއިން ބޭރަށް ނުކުތްއިރު ސައިކަލު ފެންނަން ނެތް ކަމަށެވެ. އެހެންވެ ބަޔަކު ވެގެން ރަށު ތެރެ ބަލައިގެންވެސް ނުފެނިގެން މޫދު ބެލީ ކަމަށް އޭނާ ވިދާޅުވި އެވެ.
”ދެން ރަށް ވަށައިގެން މޫދު ބަލަނިކޮށް ގަޑިއިރެއް ފަހުން ފެނުނީ. ސައިކަލު ކަނޑު ފެއްތުމުގެ އަޑީގައި ތިބީ އޭދަފުށި ދާއިރާގެ މެންބަރު ސަލީމް ކަމަށް ތުހުމަތު ކުރެވެނީ،“ އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމްގެ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުން 10 މީޓަރު އަޑިންނެވެ. މި މައްސަލަ އިބްރާހިމްގެ ފަރާތުން މިހާރު ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފަ އެވެ.
ސައިކަލު ކަނޑު ފެއްތިކަމުގެ ތުހުމަތު ރެޑްވޭވް ސަލީމަށް ކުރި އިރު، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކެންދޫ ކައުންސިލްގެ ރައީސް ކަމަށް އިބްރާހިމްވެސް ވާދަކުރި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ފަރާތުން ވާދަކުރި އަހުމަދު ޝާން އެވެ.



