ކާމިޔާބީ އާއި ނާކާމިޔާބީގައި ވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަން: ރައީސް

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ ---

ކާމިޔާބީގައިވެސް އަދި ނާކާމިޔާބީގައިވެސް އެ މަނިކުފާނުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިިންސާފުވެރިކަން އިސްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަގާމުތަކަށް އިންތިހާބުވި ފަރާތްތަކުގެ ވިސްނުމަކަށް ވާންޖެހޭނީ ހަވާލުކުރި ޒިންމާ އަދާކުރުމުގައި ތެދުވެރިވެ އިހުލާސްތެރިވުމަށް ކަމަށެވެ. އަދި އެ މީހަކަށް ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ ކަމަށާއި އެންމެން ހަމަހަމަވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަށާއި ޑަބްލިޔުޑީސީއަށް އިންތިހާބުގެ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

”އަޅުގަނޑުގެ ފަރާތުން އަދި ސަރުކާރުގެ ހުރިހާ ވެރިންގެ ފަރާތުންވެސް ފެނިގެންދާނީ މި ދެންނެވި ހަމަހަމަކަން. މި ދާއިރާގެ ތިންރަށުގެ ތަރައްގީއަށްވެސް އަދި މިގޮތަށް އެހާ ފުރިހަމަ ކާމިޔާބީއެއް ނުލިބުނު ރަށްތަކުގެ ތަރައްގީގައިވެސް ހަމަހަމަކަން,“ ރައީސް ވިދާޅުވި އެވެ.

”ނާކާމިޔާބީވެސް އަދި ކާމިޔާބީވެސް, ކާމިޔާބީގެ ތެރޭގައި ވަރަށް ފޮނި ކާމިޔާބީވެސް ހިމެނޭ އިންތިހާބެއް ނިމިގެން މިދިޔައީ. އެހެންވީމާ ކާމިޔާބީގައިވެސް އަދި ނާކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން.. ކޮންމެ ރަށެއްގެ ތަރައްގީވެސް ބާރަށް ކުރިއަށް ގެންދާނަން,“