ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދިވެހި ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މުތީގެއާގެ/ އަލްޔާ ޝަރްސާ ނަސީރު (25އ) އާއި ކ. ތުލުސްދޫ/ ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ.
ފުލުހުން ބުނީ، މި ދެ މީހުންގެ ތެރެއިން އަލްޔާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި ރޫނާ ހައްޔަރުކުރީ މި މައްސަލައާ ގުޅިގެން ހިންގި އިތުރު އޮޕަރޭޝަނެއްގެ ތެރެއިން ހުޅުމާލެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ އަންހެނުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ބައެކެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.



