ޑޮކިއުމެންޓަރީގެ މައްސަލައިގައި އީޝާގެ ޕާސްޕޯޓު ހިފަހައްޓައިފި 

އީޝާ އަޝްރަފް --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ބޮޑެތި އަހުލާގީ ތުހުމަތުތަކެއްކޮށް ’އަދަދު‘ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަންހެނެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި އެ ރިޕޯޓަކީ ކާކުކަން ނޭނގޭ ގޮތަށް އަންހެނަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެކެވެ. ރައީސް މުއިއްޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އިއްޔެ ގޮވާލައްވައިފައެވެ. އެއާއެކު ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އީޝާ އަޝްރަފްގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ވަނީ ހިފަހައްޓައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ރައްދުކޮށްދީފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ޑޮކިއުމެންޓަރީ ތައްޔާރުކުރުމުގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީޝާގެ އިތުރުން ’އަދަދު‘ ނޫހުގެ އިސް ދެ ވެރިއެއްގެ ޕާސްޕޯޓުވެސް އެ މައްސަލައިގައި ވަނީ ހިފަހައްޓައިފައެވެ. އެގޮތުން އެ ނޫހުގެ މެނޭޖިންގ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު މިއަދު ހިފަހައްޓާފައިވާ އިރު، ރޭގެ ވަގުތެއްގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އެ ދެ ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.

އޭގެ އިތުރުން، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ’އަދަދު‘ އޮފީހަށް ވަދެ ބަލައިފާސްކޮށް، ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ގެންގޮސްފައެވެ.