އަދަދު ނޫހަށް އަޅާ ފިޔަވަޅުތަކަކީ ތަހުގީގީ ނޫސްވެރިކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތެއް: ސީޕީޖޭ 

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރުން -- ހަފްތާ ފޮޓޯ

އަދަދު ނޫހުގެ އޮފީސް ފުލުހުން ފާސްކުރި މައްސަލައާއި، އެ ނޫހުގެ ނޫސްވެރިން ދަތުރުކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ތަހުގީގީ ނޫސްވެރިކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްބުނެ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ގެންގޮސްފައެވެ.

އެކަމާ ގުޅިގެން ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދާރު ވިދާޅުވީ، ދީނީ އަދި ގައުމީ މަސްލަހަތުގެ ނަމުގައި ތަހުގީގީ ނޫސްވެރިކަން ޖިނާއީ ކުށަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދީނީ ގާނޫނުތައް ބޭނުންކޮށްގެން މީޑިއާތަކާ ގުޅޭ މަދަނީ ގާނޫނުތައް ފަހަނައަޅައި ދިއުމަކީ ނުރައްކާތެރި އާދައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް ލިބިދޭ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ސީޕީޖޭ އިން ވަނީ ގޮވާލައިފައެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އެއީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އީޝާ އަޝްރަފްގެ ޕާސްޕޯޓެވެ.

އަދަދު ނޫހުން ނެރެފައިވާ އެ ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް އަމާޒުކޮށްފައިވީ ނަމަވެސް، އެ މަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އަދަދު ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވާ އިރު، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަދަދު ނޫހަށް ވަދެ ބަލައި ފާސްކޮށްފައެވެ.