މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ޒިންމާދާރުވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިމިވަނީ، އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ގެންގޮސްފައެވެ.
ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަހުލާގީ ނޫސްވެރިކަމުން ފެންވަރު ރަނގަޅު މައުލޫމާތު ކަށަވަރުކޮށް، ޖަވާބުދާރީކުރުވުމާއި ދެފުށް ފެންނަ ގޮތް ކުރިއެރުވައި، ޑިމޮކްރެސީގެ އުސޫލުތައް ނަގަހައްޓަން ޖެހޭ ކަމަށެވެ.
”އަހުލާގީ އުސޫލުތައް ދޫކޮށްލުމުން ދޮގު މައުލޫމާތު އުފެދި، ގެއްލުން އިތުރުވެ، ހަބަރު ސީދާކޮށް ގެނެސްދޭނެ ކަމަށް ނޫސްވެރިންނަށް ބަރޯސާވާ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ މައުލޫމާތު ފެތުރުމުގައި ނޫސްވެރިން އިތުރަށް ޒިންމާދާރުވެ، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކަށް ސާބިތުވެ ތިބުމަށް ގޮވައިލައްވައިފައެވެ.
އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން ވަނީ ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އެއީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އީޝާ އަޝްރަފްގެ ޕާސްޕޯޓެވެ.
އަދަދު ނޫހުން ނެރެފައިވާ އެ ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް އަމާޒުކޮށްފައިވީ ނަމަވެސް، އެ މަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އަދަދު ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވާ އިރު، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަދަދު ނޫހަށް ވަދެ ބަލައި ފާސްކޮށްފައެވެ.
އެ މައްސަލަ އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.









