”ބިންވެރިޔާ“ ހާއްސަ ސްކީމަށް އިތުރު ކެޓަގަރީއެއް 

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހިންގާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ”ބިންވެރިޔާ“ ހާއްސަ ސްކީމަށް ކެޓަގަރީއެއް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ ”ބިންވެރިޔާ“ ހާއްސަ ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށް، އުސޫލު އާންމުކޮށްފައެވެ. އެ ކެޓަގަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ މަހުގެ 31 ގެ 23:59 ގެ ނިޔަލަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކަށް ކަމަށެވެ.

އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެ ކެޓަގަރީގެ އިތުރުން ބިންވެރިޔާ ހާއްސަ ސްކީމުގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ކެޓަގަރީ އާއި މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބުމާ ގުޅިގެން ކުރިމަތިލެވިފައިނުވާ ފަރާތްތަކުގެ ކެޓަގަރީއެވެ.

މިމަހުގެ 13 ވަނަ ދުވަހު މިނިސްޓްރީން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު، އަންނަ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއީ ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި، މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 3,000 ގޯތި
  • މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
  • މާލޭގެ ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ ފަރާތްތަކަށް: 1,500 ގޯތި

އޭގެ އިތުރުން، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.