ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅުގައި ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ރައީސް މުއިއްޒު އަދި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް އަންނަ އާދިއްތަ ދުވަހު ފައްޓަވާ ފުރަމާނަ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން މަދުވެގެން ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

”މަދުވެގެން ހަތް އެއްބަސްވުން މިހާރު އޮތް ގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭނެ، މުހިންމު ދާއިރާތަކުން،“ ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ ލަންކާއަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށެވެ.

އޭގެ އިތުރުން އެ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި ކޮލަމްބޯގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.